ތާރީޚް: 25-11-2021, 02:43
ހދ. ހަނިމާދޫ ނެރުމައްޗަށް އުރުނު ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ތިން މީހުނާއެކު ދަތުރު ކުރަމުން ދިޔަ "ރޯދި" ދޯނި ހދ. ހަނިމާދޫ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރުމައްޗަށް އުރި، ދިޔަވަމުން ދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބިފައި ވަނީ ރޭ 19:06 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރު ކޮށްދޭން ފަށާފައެވެ.
މިގޮތުން ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރި މަސައްކަތުން ދޯނި ފުންކޮށް، ހދ. ހަނިމާދޫ ބަނދަރަށް ވައްދާފައި ވަނީ ރޭ ފަތިހު 03:57 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. މި ދޯނި ދިޔަ ހިއްކައި މަރާމާތު ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.
© mndf 2020 | All rights reserved.