އަލަމާ-05 ދޯންޏާއި ދޯނިން ދަތުރުކުރި ތިން މީހުން ހޯދުމަށް ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން

ތާރީޚް: 09-01-2022, 20:05


  2022 ޖަނަވަރީ 3 ވަނަ ދުވަހު، ފ.ފީއަލީން ފުރައިގެން މާލެއަށް ދަތުރުކުރި އަލަމާ-05 ދޯނި 2022 ޖަނަވަރީ 3 ވަނަދުވަހުގެ 22:50 ހާއިރު ވ.ފުސްފަރު ހުޅަނގުން އަޑިއަށް ގޮސް ދޯންޏާއި ދޯނިން ދަތުރުކުރި ތިން މީހުން ކަނޑުވުމާ ގުޅިގެން ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ކުރެވުނު މަސައްކަތުން 2022 ޖެނުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 06:50 ހާއިރު މި ދޯނިން ދަތުރުކުރި ދެ ފަޅުވެރިންވަނީ ސަލާމަތްތެރިކަމާއެކު ހޯދިފައެވެ. 

އަދި، މި ދޯނީގެ ކެޕްޓަން ނުފެންނާތީވެ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރެވިފައެވެ. މިގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ވަނީ ބެލިފައެވެ. އަލަމާ-05 ދޯންޏާއި ދޯނިން ގެއްލުނު 3 މީހުން ހޯދުމަށް ކޯސްޓްގާޑުގެ ކަނޑާއި ވައިގެ އުޅަނދުފަހަރު ވަނީ ބޭނުންކުރެވިފައެވެ. މި ހާދިސާގައި މީހުން ހޯދުމަށް ދޯނީގެ ވެރިފަރާތުގެ އިތުރުން މި ސަރަހައްދުގެ ރަށު ކައުންސިލް އިދާރާތަކާއި، ރިސޯޓްްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ރާއްޖޭގެ ފުލައިޓް އޮޕަރޭޓްކުރާ ފަރާތްތަކުގެ އެހީތެރިކަން ވަނީ ލިބިފައެވެ.

 އަލަމާ-05 ދޯނީގެ ކެޕްޓަން ހޯދުމުގެ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޒަމާނީ ވަސީލަތްތައް ވަނީ ބޭނުން ކުރެވިފައެވެ. ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ހޯދަމުންދިޔަ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން، 2022 ޖަނަވަރީ 8 ވަނަ ދުވަހުގެ ރެއާ ހިސާބަށް ހިންގި އެކްޓިވް ސަރޗް ވަނީ ސަރފޭސް ސަރޗަކަށް ބަދަލުކުރެވިފައެވެ. ހޯދަމުންދާ ދޯނީގެ ކެޕްޓަންގެ އިތުރު މަޢުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ބައްލަވައިދެއްވައި، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ހިއްސާކޮށްދެއްވުން އެދެމެވެ.