ތާރީޚް: 10-01-2022, 15:32
ބަންޑުން ޖަހާލައި އޮޔާދާ ސްރީލަންކާގެ މަސްބޯޓުން ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަން މެދުކަނޑާލައިފިއެވެ.
ސްރީލަންކާ މަސްބޯޓެއް ބަންޑުންޖަހާލާފައިވާ ކަމުގެ މަޢުލޫމާތު ކޮލަމްބޯ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ދީފައިވަނީ 2022 ޖަނަވަރީ 7 ވަނަ ދުވަހުއެވެ.
އަދި، ޖަނަވަރީ 6 ވަނަ ދުވަހު، ބޯޓްގެ ފަޅުވެރިއަކު ބޯޓްގެ އަޑިއަށް ފީނި ގޮތަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމުގެ މަޢުލޫމާތު އެމްއާރުސީސީ ކޮލަމްބޯއިން މަޢުލޫމާތު ދިނުމުން، ގެއްލިފައިވާ މީހާއާއި ބޯޓް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ މަސައްކަތްކުރަމުންނެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން، ކުރިއަށްގެންދިޔަ ސަރފޭސް ސަރޗުގައި އެ ބޯޓު ވަނީ ހޯދާފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ކުރި މަސައްކަތުން ޖަނަވަރީ 9 ވަނަ ދުވަހު މި ބޯޓް ހޯދައި، ކޯސްޓްގާޑުގެ ޑައިވަރުންވަނީ ޑައިވްކޮށް ބޯޓުތެރެ ބަލައި ފާސްކޮށްފައެވެ. އަދި ބެލިބެލުމުން މި ބޯޓްގައި މީހަކު ނެތްކަން ފާހަގަކުރެވުމުން، މި ބޯޓުން ގެއްލުނު މީހާ ހޯދުމަށް ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން ވަނީ ސަސްޕެންޑްކުރެވިފައެވެ. އަދި އެ މައުލޫމާތު ވަނީ އެމްއާރސީސީ ކޮލަމްބޯއާ މިހާރު ހިއްސާކުރެވިފައެވެ.
ވީމާ، މިކަމާގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ. ފެކްސް ކުރައްވާނަމަ 3391665 މި ނަމްބަރަށް ފެކްސްކުރެއްވުން އެދެމެވެ.
© mndf 2020 | All rights reserved.