މައްޗަށްގޮޅި ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި

ތާރީޚް: 12-01-2022, 22:15


މައްޗަށްގޮޅި ޝެޑޯވީ ނަމަކަށް ކިޔާ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅި އުނދުނާއި ގުޅާފައިވާ ގުޅުން ރަނގަޅަށް ބާރުނުވެ ހުރުމުގެ ސަބަބުން ހޮޅީގެ ކޮޅުން ގޭސް ލީކުވެ އުނދުނުގެ ދަށާއި އެއްކޮށް ހުޅުހިފައިގެންނެވެ. މި ހާދިސާގައި އަލިފާން ރޯވި އުނދުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އުނދުން ބަހައްޓާފައިހުރި ކަބަޑަށް ވެސް އަލިފާނުގެ އަސަރުކޮށް، ގެއްލުންތައް ލިބިފައިވެއެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 19:54 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެފްއާރުއެސްގެ ފަޔަރމަނުން އެ ގެއަށް ދިޔައިރު، ރޯވެފައިހުރި އަލިފާން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. އަދި އެފްއާރުއެސް ފަޔަރމަނުންގެ އެހީތެރިކަމާއެކު އަލިފާން އެއްކޮށް ނިއްވާލާފައިވެއެވެ.