ތާރީޚް:
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ދައުވަތަކަށް، ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިޤްބާލް، ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިޤްބާލް ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ މިއަދު އޮނަރގާޑެއް އަރުވާފައެވެ.
ޖަނަވަރީ 14 އިން 18 އަށް ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް، އެޑްމިރަލް އެމް. ޝަހީން އިޤްބާލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ބަންޑާރަކޮށްޓަށް މިއަދު ވަޑައިގެން، އެމްއެންޑީއެފްގެ ސީނިއަރ ލީޑަރޝިޕާ ބައްދަލުކުރައްވައި، ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ބަންގްލަދޭޝްއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ދިފާޢީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެއްވުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
ބަންގްލަދޭޝްއަކީ ދިވެހިރާއްޖެއާއި ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. މިގޮތުން، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި، ކޮވިޑްގެ މި ހާލަތުގައި ވެސް ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެ ޤައުމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
© mndf 2020 | All rights reserved.