ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ ފެނިއްޖެ

ތާރީޚް: 16-01-2022, 19:25


އދ.މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންގެ ތެރެއިން ގެއްލުނު ފަތުރުވެރިޔާ ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ޖަނަވަރީ 15 ވަނަ ދުވަހުގެ 15:55 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމިހާ ހޯދުމުގެ މަސައްކަތުގައި މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންއެއް ކުރިއަށް ގެންގޮސްފައެވެ.

ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ޑައިވްކޮށްގެން ކުރެވުނު މަސައްކަތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ މި މީހާގެ ހަށިގަނޑު މިއަދު 15:10 ހާއިރު ކަނޑުގެ 15 މީޓަރު އަޑިން ނަގާފައެވެ.

މި މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންނާއި ކަނޑުގެ އުޅަނދުފަހަރު ޙަރަކާތްތެރި ވެފައިވާއިރު މި މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓުތަކުގެ އެހީތެރިކަން ވެސް ވަނީ ލިބިފައެވެ.