މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަން

ތާރީޚް: 18-01-2022, 22:40


އިރުވައި މޫސުމުގެ އޮއިވަރު ރާއްޖޭގެ ސަރަހައްދުގައި ގަދަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ފާހަގަކުރައްވާތީއާއި އަދި އޮއިވަރު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ  ތަފާތު ނުރައްކާތެރި ހާދިސާތަކާއި، ޑައިވަރުންނާއި ސްނޯކަލިންގއަށްދާ ފަރާތްތައް އޮޔާގޮސް ނުފެންނަކަމުގެ ރިޕޯޓްތައް ކޯސްޓްގާޑަށް ދަނީ ލިބެމުންނެވެ.

ޚާއްޞަ ގޮތެއްގައި މޫދުކުޅިވަރުތައް އިންތިޒާމް ކުރައްވާ ފަރާތްތަކުންނާއި ޑައިވް ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. މިގޮތުން މޫދު ކުޅިވަރު ކުޅުއްވާ ފަރާތްތަކުން ލައިފް ޖެކެޓް އަޅުއްވައިގެން ތިއްބެވުމަށާއި ލައިފް ގާޑުން އަދި ލައިފްބޯޓް ފަދަ އުޅަނދުފަހަރުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސެވުމަށް ދަންނަވަމެވެ. އަދި ޑައިވް ކުރައްވާ ފަރާތްތަކުން ޑައިވްކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ޑައިވްކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.

މީގެއިތުރުން ވެސް ސަލާމަތީ ގޮތުން މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތައް އެޅުއްވުމާއި ހެދިފައިވާ ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލު ކުރެއްވުމަކީ މިފަދަ ޙާދިސާތައް މަދުކުރެއްވުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. މިފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީވެ، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރަމެވެ.