ބޮޑީގާޑް ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ތާރީޚް: 21-01-2022, 15:20


 އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށްގެންދިޔަ 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިިފިއެވެ.

ޖަނަވަރީ 21 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ސ.ގަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އޮކްޓޯބަރު 9 ވަނަ ދުވަހު ފެށި "13 ވަނަ ބޮޑީގާޑް ތަމްރީން ކޯސް" ގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ސ.ގަމުގައެވެ.

އެމްއެންޑީއެފްގެ އެކި ދާއިރާތަކުގެ ސިފައިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގައި ޖުމްލަ 45 ސިފައިން ބައިވެރިވިއެވެ. އޭގެ ތެރޭގައި، ޕްރެޒިޑެންޝަލް ގާޑްސްއާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި، އެމްޑީޔޫ 3އާއި، މިލިޓަރީ ޕޮލިހާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަދި އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއަށް ނިސްބަތްވާ ސިފައިން ހިމެނެއެވެ.

ތިން މަހުގެ މުއްދަތަކަށް ހިންގި މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ވެޕަން ޓްރެއިނިންގ، ބޮޑީގާޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގ، ކޮންޓެކްޓް ޓެކްނިކްސް، ވޯޓަރމެންޝިޕް، އަދި އެމަރޖެންސީ މެޑިކަލް ކެއަރ ހިމެނެއެވެ. މި ކޯހުގައި ބައިވެރިވި ޖުމްލަ 45 ސިފައިންގެ ތެރެއިން 43 ސިފައިން ވަނީ ކޯހުން ފާސްވެ، ސެޓްފިކެޓް ހާސިލްކޮށްފައެވެ.

13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ "އޮނަރ ގްރެޖުއޭޓް އެވޯޑް" ޙާސިލްކޮށްފައިވަނީ ޕްރައިވެޓް ޙަސަން އަޒުވަރުއެވެ. އޭނާ ވަނީ ކޯހުގެ "ބެސްޓް ޝޫޓަރ އެވޯޑް" ވެސް ޙާސިލްކޮށްފައެވެ. ކޯހުގެ "ފިޓަސްޓް އެވޯޑް" ޙާސިލްކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު މުނީފެވެ.

13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ރަސްމިއްޔާތުގެ ބައިވެރިންނާ މުޙާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިޡް ވަޙީދާއި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އަޙްމަދު ތޯހިރާއި، އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ޢަބްދުލް މުއިޒް މުސްތަފާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދްނާން ޢަލީ، އަދި 13 ވަނަ ބޮޑީގާޑް ތަމްރީން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.