ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 29-01-2022, 00:05


ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސައުތު އެފްރިކާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ލައިބޭރިއާގެ ކާގޯ ބޯޓެއް ކަމުގައިވާ "ޓްރޫ ޗެމްޕިއަން" ގައި އޮތް ހާލު ބޮޑު ބަލި މީހާއާ ގުޅޭ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ ޖަނަވަރީ 28 ވަނަ ދުވަހުގެ ހަވީރު 16:53 ހާއިރު އެވެ. އޭރު މި ބޯޓް ދަތުރު ކުރަމުން ދިޔައީ ސ.ގަމުގެ ހުޅަނގު ދެކުނުން 235 ނޯޓިކަލް މޭލު ބޭރުންނެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު، ސ. ގަމު ދެކުނުން 3 މޭލަށް ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން ކޮމާންޑު، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރކްރާފްޓް 105 ލޯންޗް ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް މި ބަލިމީހާ މިއަދު ހެނދުނު 11:20 ހާއިރު ސ. ހިތަދޫއަށް ގެންގޮސްދީފައެވެ. އަދި މި ބަލި މީހާ ވަނީ އެމްބިއުލާންސްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ. ވިއެޓްނާމަށް ނިސްބަތްވާ މި ބަލި މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ވަނީ "ހެޕަޓައިޓިސް ވިތު ހައިޕަރލިބިރޫބިނީމިއާ" ކިޔާ ބަައްޔެއް ޖެހި އަވަސް ފަރުވާއަށް ބޭނުންވެގެންނެވެ.