ތާރީޚް: 24-02-2022, 14:00
ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ އިންސްޓްރަކްޓަރ ކޯހާއި ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ ބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ދެ ކޯސް ނިންމުމުގެ ގޮތުން މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ. ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ދަށުން ހިންގި މި ދެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ އިންސްޓްރަކްޓަރ، ޕައުލް ރޮބަރޓް ވަނީ، ކޯސް ހިނގައިދިޔަ ގޮތުގެ ރިމާކްސްއެއް ދެއްވައި، ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ.
ކޯސްޓްގާޑާއި ޔޫއެންއޯޑީސީ ގުޅިގެން އިންތިޒާމުކުރި ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރގެ އިންސްޓްރަކްޓަރ ކޯހާއި ބޭސިކް ކޯސް ކުރިއަށް ގެންދިއުމުގެ މަޤްޞަދުތަކުގެ ތެރޭގައި ކަނޑުމަތީގައި ހަރަކާތްތެރިވާ ލޯ އެންފޯސްމަންޓް އިދާރާތަކަށް ނިސްބަތްވާ ފަރާތްތަކުން އެއް އިދާރާ، އަނެއް އިދާރާއާ ގުޅިގެން މަސައްކަތް ކުރުމުގެ އަމަލީ ތަޖުރިބާ ހޯދަދިނުން ހިމެނެއެވެ. އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ކަސްޓަމްސް ސަރވިސްއިން ބައިވެރިވި މި ދެ ކޯހުގެ ތެރެއިން ފުރަތަމަ ފަށާފައިވަނީ ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހެވެ. ވީބީއެސްއެސް ބޭސިކް ކޯސް ފަށާފައިވަނީ، އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހުގެ ތިއަރީ ބައި ނިމިގެންނެވެ. ވީބީއެސްއެސް ބޭސިކް ކޯހުގެ މުއްދަތަކީ ދެ ހަފުތާއެވެ.
ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހަކީ، ވީބީއެސްއެސް ބޭސިކް ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. މިގޮތުން، ނިމިގެންދިޔަ ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހުގައި ޖުމްލަ 4 ސިފައިން ބައިވެރިވެ، ސެޓްފިކެޓް ހާސިލުކުރިއިރު، ވީބީއެސްއެސް ބޭސިކް ކޯހުގައި 14 ފަރާތަކުން ބައިވެރިވެ، ސެޓްފިކެޓް ހާސިލުކުރިއެވެ. ވީބީއެސްއެސް ބޭސިކް ކޯހުގައި ބައިވެރިވި ފަރާތްތަކު ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ ހަތަރު ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މަސައްކަތްކުރައްވާ ދެ މުވައްޒަފު އަދި އެމްއެންޑީއެފްގެ 8 ސިފައިން ހިމެނެއެވެ.
މި ދެ ކޯހުގެ ތިއަރީ ކުލާސްތަކާއި ބައެއް ޕްރެކްޓިކަލް ކްލާސްތައް ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލާއި، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގައި ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި، ބައެއް ޕްރެކްޓިކަލް ކުލާސްތައް ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕްތައް ބަނދަރުކޮށްފައިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން ކ. ތިލަފުށި ކައިރީގައި ވެސް މި ކޯހުގެ ބައެއް ތަމްރީނުތައް ވަނީ ބާއްވާފައެވެ.
ކޯހުގައި ކިޔަވއިދެވުނު މުހިއްމު ބައިތަކުގެ ތެރޭގައި ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ ޒިންމާތަކާއި، ކަނޑުމަތީގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ސެލްފް ޑިފެންސް ޓެކްނިކްސްގެ އިތުރުން، އެރެސްޓިންގ ޓެކްނިކްސް، އަދި މުޢާމަލާތު ކުރުން ފަދަ ހުނަރުތައް ހިމެނެއެވެ. މީގެއިތުރުން ކޯހުގެ ތެރޭގައި، ވީބީއެސްއެސް އިންސްޓްރަކްޓަރ ކޯހުގެ ބައިވެރިންނަށް ވަނީ އިންސްޓްރަކްޝަނަލް ޓެކްނިކްސް ކިޔަވައިދީފައެވެ.
ވީބީއެސްއެސް ކޯސްތައް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސްގެ ހެޑް، ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާނު އަނީސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކަމިޝަނަރ މުޙައްމަދު މާނިއުގެ އިތުރުން ޔޫއެންއޯޑީސީގެ ހެޑް އޮފް ޕްރޮގްރާމް އޮފިސަރ، ޕައުލް ރޮބަރޓް ބައިވެރިވެލެއްވިއެވެ.
© mndf 2020 | All rights reserved.