ތާރީޚް: 26-02-2022, 21:23
ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގައިފިއެވެ.
ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކްޓިންގ ސީއީއޯ އަލްފާޟިލް އަޙްމަދު ރިޒާއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ކްލޯސް ކޮމްބެޓް، ފަންކްޝަނަލް ލީޑަރޝިޕް، ކޮމާންޑް ޓާސްކްސް، ޓައިމް މެނޭޖްމަންޓް، އޮބްސްޓިކަލް ކޯސް، އެބަންޑަންޝިޕް އަދި އެކްސަސައިޒްގެ ބައިތައް ހިމެނެއެވެ.
އެމްއައިބީގެ 32 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގެ ލެކްޗަރާއިންނާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ރައްޔިތުން ޙިއްސާވާ ބައެއް ކުންފުނިތަކަށާއި، މިނިވަން މުވައްސަސާ، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގާފައެވެ.
އެމްއައިބީގެ މުވައްޒަފުންނަށް ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް އޮފިސަރުންނާއި އެމްއައިބީގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވެލެއްވިއެވެ.
© mndf 2020 | All rights reserved.