އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުގެ ޕްރޮގްރާމެއް ދ.ރިނބިދޫގައި ހިންގައިފި

ތާރީޚް: 05-03-2022, 20:05


އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވައި، ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދ.ރިނބިދޫގައި "ހުޝިޔާރު" ނަމުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި މަހުގެ 4 އިން 5 އަށް ދ.ރިނބިދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ  ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން، ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަސްކޮށްދެވުނު ބައިތަކުގެ ތެރޭގައި އަލިފާނަކީ ކޮބައިކަމާއި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި އަލިފާން ފެތުރޭ ގޮތާއި ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތް ހިމެނެއެވެ. މީގެ އިތުރުން އަލިފާން ނިއްވާނެ ގޮތާއި ކައްކާ ގޭހުން ދިމާވާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތާއި ފަސްޓްއެއިޑް (ފުރަތަމައެހީ) ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ކިޔަވައިދީފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހިންގި މި ޕްރޮގްރާމްގައި ދ.ރިނބިދޫގެ 99 ރައްޔިތަކު ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދިނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ މި ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މުދައްރިބުންނެވެ.