އެމްއެންޑީއެފް ފުޓްސަލް ޗެލެންޖް 2022 ފަށައިފި

ތާރީޚް: 12-03-2022, 01:20


ސިފައިންނަށް އަމާޒުކޮށްގެން ބާއްވާ "އެމްއެންޑީއެފް ފުޓްސަލް ޗެލެންޖް 2022" ފަށައިފިއެވެ.

މާރިޗު 12 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީ ފުޓްސަލް ދަނޑުގައި ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

އެމްއެންޑީއެފްގެ ހުރިހާ ޔުނިޓުތަކާއި، ވެޓެރަންސް ކެޓަގަރީއަށް އަދި އަންހެން ކެޓަގަރީ ހިމެނޭހެން ކުރިއަށްދާ މި މުބާރާތަކީ ސިފައިންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާކޮށް، ދުޅަހެޔޮ، ހަށިހެޔޮ ސިފައިން އުފައްދައި، ވާދަވެރި މާޙައުލެއްގައި ސިފައިން ފުޓްބޯޅަ ކުޅުމުގެ ހުނަރު ދައްކައި، ސިފަވަންތަ ފުޓުބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީން، އަދި މެޗު އޮފިޝަލުން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި އެމްއެންޑީއެފްގެ 24 ޔުނިޓަކުން ޖުމްލަ 22 ޓީމު ބައިވެރިވެއެވެ. އޭގެ ތެރޭގައި ކޮމްބައިން ޓީމުތައް ވެސް ހިމެނެއެވެ. މި މުބާރާތުގައި ކުޅޭ ވެޓެރަންސް ކެޓަގަރީގައި ނުވަ ޔުނިޓަކުން އަށް ޓީމު ބައިވެރިވާއިރު، މުބާރާތުގެ އަންހެން ކެޓަގަރީގައި ހަތަރު ޓީމެއް ވާދަކުރެއެވެ. ކުޅުންތެރިންނާއި، އޮފިޝަލުން، އަދި މުބާރާތުގެ ޓެކްނިކަލް ޓީމު ޝާމިލްވާހެން ޖުމްލަ 650 އަށްވުރެން ގިނަ ސިފައިން މި މުބާރާތުގައި ދަނީ ބައިވެރިވަމުންނެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ފުޓްސަލް މުބާރާތަށް ތައްޔާރުކުރި ޚާއްޞަ ލަވައެއް ވަނީ ހުށަހަޅައިދީފައެވެ. މި ލަވަ ހުށަހަޅައިދެމުންދިޔަ ވަގުތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓްރޮފީ ދަނޑަށް ގެނެސްދިނީ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ސިފައިންނެވެ. މި ޓްރޮފީ އިފްތިތާޙުކޮށްދެއްވައި، ޓްރޮފީ ސްޓޭންޑްގައި ބަހައްޓަވައިދެއްވީ ޢިއްޒަތްތެރި ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހު ބަންޑާރަކޮށި އަދި ކަޅުތުއްކަލާކޮށީގައި މަސައްކަތްކުރައްވާ އޮފިސަރުންގެ މެދުގައި ޚާއްޞަ ފުޓްސަލް މެޗެއް ކުޅެފައިވެއެވެ. މި މެޗުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން އޮފިސަރުން ބައިވެރިވެވަޑައިގެން ކުޅުއްވިއެވެ. މި މެޗުން މޮޅުވެފައިވަނީ ކަޅުތުއްކަލާކޮށީ އޮފިސަރުންގެ ޓީމެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން އަލްފާޟިލާ ފާތިމަތު ފިރާޝާގެ އިތުރުން ދިވެހި ސިފައިންގެ ކްލަބުގެ ރައީސް ކާނަލް ޙުސައިން ޢަލީއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން، އަދި ގިނަ އަދަދެއްގެ އެހެނިހެން ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ.