އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް އެމްއެންޑީއެފުން ފަޔަރ ޕްރިވެންޝަން ވީކް ހޮނިހިރު ދުވަހު ފަށަނީ

ތާރީޚް:


އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2022"، އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ މި ޕްރޮގްރާމަކީ، އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ހަރަކާތް ރާވާލާފައިވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ގޭބިސީތައް ގިނަ ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ. މިގޮތުން، "ކިޗަން ސިމިއުލޭޓަރ" އެއްގެ އެހީގައި 'އޮން ލޮކޭޝަން' ގައި ސްޓޭންޑެއް ބަހައްޓައިގެން އެ ސަރަޙައްދެއްގައި އެފްއާރުއެސްގެ ސިފައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާނެއެވެ.

ރަމަޟާން މަހާ ގާތްކޮށް، މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރަމަޟާން މަހަކީ އަލިފާނުގެ ހާދިސާތައް ހިނގުން ނިސްބަތުން ގިނަ މަހެއްކަމަށް ފާހަގަ ކުރެވޭތީވެ، މިފަދަ ހަރަކާތެއްގެ ތެރެއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމެވެ. މި ޕްރޮގްރާމްގައި އާންމު ރައްޔިތުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މާރިޗު 19 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު (މާރިޗު 19) ގެ ހަވީރު މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުންނެވެ. މީގެ އިތުރުން ވިލިމާލޭ، ހުޅުމާލޭ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ތިލަފުށިގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި މާރިޗު 19 ވަނަ ދުވަހު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާއިރު، މާރިޗު 21 ވަނަ ދުވަހު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭ، ފެރީ ޓާމިނަލް ސަރަހައްދުގައެވެ. އަދި މާރިޗު 22 ވަނަ ދުވަހު މި ޕްރޮގްރާމް ތިލަފުށީގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާއިރު، މާރިޗު 23 ވަނަ ދުވަހު މަސްވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭ ފޭސް 1 ގެ މަސްމާރުކޭޓް ސަރަހައްދުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މާރިޗު 24 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގެ ހިޔާފުލެޓް ސަރަހައްދުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެފްއާރުއެސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ފަޔަރ ޕްރިވެންޝަން ވީކްއަކީ އަލިފާނުގެ ނުރައްކަލަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ވެސް ދަނީ މި ހަރަކާތް ބާއްމުންނެވެ. މި ހަރަކާތް އެންމެ ފުރަތަމަ އަމާޒު ކުރެވެމުން އައީ ގްރޭޓަރ މާލެ އޭރިއާއަށް ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، މާލޭ އޭރިއާގެ ބައެއް ރަށްތަކާއި އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދެވިފައިވެއެވެ.