ތާރީޚް: 23-03-2022, 11:04
ޤައުމީ ޚިދުމަތަށް އަންހެނުން ނިކުތުމަށް ބާރު އެޅުމާ އެކު، މުޖުތަމަޢުއަށް ފައިދާހުރި ޚިދުމަތް ކުރާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިރާއްޖެއިން ދޭ އެންމެ ފަޚުރުވެރި އެވޯޑު ކަމުގައިވާ ރެހެންދި އެވޯޑު، ލެފްޓިނެންޓް ފިރުޝާނާ ތަޢުފީޤް ހާސިލުކުރައްވައިފިއެވެ.
މި އެވޯޑު ލެފްޓިނެންޓް ފިރުޝާނާ ތަޢުފީޤުއަށް ލިބިފައިވަނީ ޞިއްޙީ ދާއިރާއިން ޚިދުމަތްކުރުމުގެ ރޮނގުންނެވެ. މީރުމާ ކޮންފަރެންސް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި "ރެހެންދި އެވޯޑް 2022" ހާސިލުކުރެއްވި ލެފްޓިނެންޓް ފިރުޝާނާ ތަޢުފީޤަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާއި ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑް، ފާއިތުވި 9 އަހަރުގެ ތެރޭގައި 55 ފަރާތަކުން ހާސިލުކޮށްފައިވެއެވެ.
ލެފްޓިނެންޓް ފިރުޝާނާ ތަޢުފީޤަކީ، އިނގިރޭސިވިލާތުގެ އަސްކަރީ އޮފިސަރުން ތަމްރީނުކުރާ ރޯޔަލް މިލިޓަރީ އެކެޑެމީ ސޭންޑްހަރސްޓްގައި ހިންގާ ތަމްރީނުތަކުގެ ދިގު ތާރީޚްގައި، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރެއްވި ފުރަތަމަ ދިވެހި އަންހެން އޮފިސަރެވެ. އަދި، އެ އެކެޑެމީން އޭނާ ފުރިހަމަކުރެއްވި ކޯހުގެ "ބެސްޓް ފޮރިން ކެޑޭޓް" ގެ މަޤާމު ހާސިލުކުރައްވައި، ދިވެހިރާއްޖެއަށާއި ދިވެހި އަސްކަރިއްޔާއަށް ފަޚުރުވެރި ރީތި ނަން ހޯއްދަވާދެއްވާފައިވެއެވެ. އޭގެ އިތުރުން، ލެފްޓިނެންޓް ފިރުޝާނާ ތަޢުފީޤަކީ، ނާސިން ދާއިރާއިން ޑިގްރީ ހާސިލުކުރައްވައި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ އޮފިސަރެކެވެ. މިގޮތުން، ކޮވިޑް ޕެންޑަމިކްގެ ތެރޭގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ހިންގި ފުލޫ ކްލިނިކްގެ ނާސިން އިންޗާޖެއްގެ ގޮތުގައި އަގުހުރި މަސައްކަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާއިރު، ވީވީއައިޕީ ނަރުހެއްގެ ގޮތުގައި ވެސް އޭނާ ގެންދަވަނީ ޚިދުމަތް ފޯރުކޮށްދެއްވަމުންނެވެ.
© mndf 2020 | All rights reserved.