އެމްއެންޑީއެފްގެ ޢުމްރާނީ ތަރައްޤީއާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ހިންގި ބައެއް މަޝްރޫޢުތައް ނިންމާލައިފި

ތާރީޚް: 01-04-2022, 22:35


އެމްއެންޑީއެފްގެ ޢުމްރާނީ ތަރައްޤީއާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ހިންގި ބައެއް މަޝްރޫޢުތައް ނިންމުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިކަމަށްޓަކައި އޭޕްރިލް 1 ވަނަ ދުވަހު ކަލަސީނުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެމްއެންޑީއެފްގެ ޢުމްރާނީ ތަރައްޤީއާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި މަޝްރޫޢުތަކެއް ހިންގި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ދާދި ފަހުން ޤާއިމު ކުރި ސިފައިންގެ މަރުކަޒެއް ކަމަށްވާ ކަލާސީނުކޮށީގައި މެސްހޯލަކާއި ބަދިގެއެއް ބިނާ ކުރުމާއި ކަލާސީނުކޮށީގައި ފުޓްސަލް ދަނޑެއް ހެދުމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި އޮޕަރޭޝަން ސެންޓަރުތައް ޤާއިމްކުރުމާއި، ބަންޑާރަކޮށީގައި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ސިފައިން އެކަމަޑޭޓް ކުރުމަށް ފެންޑާއެއް ހެދުމާއި، އަދި ކޯސްޓްގާޑު ޝިޕް ޣާޒީގެ ރީފިޓް ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

މި ހުރިހާ މަޝްރޫޢުތަކެއް ނިންމައި، މި މަޝްރޫޢުތައް މި ރަސްމިއްޔާތުގައި އިފްތިތާހުކޮށްދެއްވީ ޢިއްޒަތްތެރި ދިފާޢީ ވަޒީރު އާއި ޗީފް އޮފް ޑިފެންސް ފޯސްއެވެ. މި މަޝްރޫޢުތަކުގެ ތެރެއިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި އޮޕަރޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަޝްރޫޢު ވާޗުއަލްކޮށް އިފްތިތާހުކޮށްދެއްވާފައިވާއިރު، ބަންޑާރަކޮށީގައި ހެދިފައިވާ އެސްޕީޖީގެ ފެންޑާ ވެސް ހުޅުވައިދެއްވާފައިވަނީ ވާޗުއަލް ކޮށެވެ.

މި ރަސްމިއްޔާތުގައި ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓް ކުރުމުގެ މަޝްރޫޢު ނިންމުމުގެ ގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފައެވެ. ހަމައެއާއެކު އެމްއެންޑީއެފް އޯޑްނަންސް ސަރވިސްގެ ޚާއްޞަ އުޅަނދެއް ދިފާޢީ ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ޖެނެރަލް އޮފިސަރުންގެ އިތުރުން އެމްއެންޑީއެފްގެ އެކި ޔުނިޓުތަކުގެ ކޮމާންޑަރުންނާއި، ސީނިއަރ އޮފިސަރުން އަދި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދްނާން ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.