ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" މިއަދު ރާއްޖެ ޒިޔާރަތްކޮށްފި

ތާރީޚް: 19-04-2022, 06:05


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އެޕްރީލް 21 އިން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަރވޭގައި ހދ.އަތޮޅުން ފެށިގެން ނ.އަތޮޅާ ހިސާބަށް ސަރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2007ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖު އަދި އެޕްރޯޗް ޗާޓް ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.

މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ލިބިގެންދާނެއެވެ.

ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ތެރެއިން، 2021 ވަނަ އަހަރު ވަނީ ހދ. ކުޅުދުއްފުށީ ސަރަޙައްދު ސަރވޭ ކޮށްފައެވެ.

ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" ގައި ރާއްޖެ ޒިޔާރަތްކުރި ސަރވޭ ޓީމުގެ ފަރާތުން ވަނީ މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއާއި ބައްދަލުކުރައްވައި، ސަރވޭ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓިސީ) ގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑުގެ ސީނިއަރ ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.