ތާރީޚް: 19-04-2022, 06:10
އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ.
އޭޕްރިލް 17 އިން 20 އަށް އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، އެ މަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފްގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، "އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ" އަދި " އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ކާމިޔާބު" އަށް ބޭނުންވާ ބައެއް އެކިއުޕްމެންޓްސް ހަދިޔާކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ ޗީފް އޮފް ނޭވަލް ސްޓާފްގެ މި ދަތުރުފުޅުގެ ސަބަބުން، އިންޑިއާއި ދިވެހި އަސްކަރިއްޔާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެއެވެ.
© mndf 2020 | All rights reserved.