ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަން

ތާރީޚް: 28-04-2022, 06:45


މި އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުގެ ޗުއްޓީއަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ޢާއިލާއާއި ރަހްމަތްތެރިން ކައިރިއަށް ދަތުރު ކުރަމުންދާ ދުވަސްވަރެއް ކަމުން، ކަނޑުމަގުން ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އިލްތިމާސްކުރަމެވެ.

އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރައްވައިގެން ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެމެވެ. އަދި ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށް ވެސް ދަންނަވަމެވެ. އަދި މޫދު ކުޅިވަރު ކުޅޭ ފަރާތްތަކުން ވެސް ސަލާމަތީ ކަންކަމަށާއި މޫސުމަށް ބައްލަވައިގެން މިފަދަ ކަންކަން ރޭއްވެވުމަށް ވެސް ދަންނަވަމެވެ. ފާއިތުވެ ދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ކޯސްޓްގާޑުން ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މި ބަރަކާތްތެރި ފިތުރު ޢީދު ބަންދަކީ ދިވެހި އެންމެހާ ރައްޔިތުންނަށް އުފާވެރި ހިތްހަމަޖެހޭ އަދި އަމާން ދުވަސްތަކަކަށްވުމެވެ.