ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި

ތާރީޚް: 02-05-2022, 16:59


ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ފަށައިފިއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މި މީހާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދުގެ 15:36 ހާއިރުއެވެ.

މި ޙާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެކެވެ. ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން ބަލައިދިނުން އެދެމެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދެއްވުން އެދެމެވެ.