ތާރީޚް: 03-05-2022, 19:48
މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް ގެންދަނީ ކުރިއަށެވެ.
އެގޮތުން، މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން މުޙައްމަދު ސަޢީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ވަނީ ފެނިފައެވެ. އަދި އެއަށްފަހު ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން ވަނީ ބަލާފައެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވެއެވެ.
މިއަދުގެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މި އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯރތް ސްކޮޑްރަންއިން ހިންގަމުންދާ މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޙައްމަދު ސަޢީދު ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށް ކޯސްޓްގާޑްއިން ފާހަގަ ކުރެއެވެ.
ގެއްލިގެން ހޯދަމުންދާ މުޙައްމަދު ސަޢީދު ޑައިވިނަށް ފޭބީ 2022 މެއި 2 ވަނަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ 2022 މެއި 2 ވަނަ ދުވަހު 15:36 ހާއިރުއެވެ.
ގެއްލުނު މުޙައްމަދު ސަޢީދުއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން ބަލައިދިނުން އެދެމެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދެއްވުން އެދެމެވެ.
© mndf 2020 | All rights reserved.