ހއ. ކެލާ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ބަލި މީހަކު އެމްއެންޑީއެފް ޑޯނިއާގައި މާލެ ގެނެސްދީފި

ތާރީޚް: 09-05-2022, 21:00


ހއ. ކެލާ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 84 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލިމީހާ މާލެ ގެނެސްފައިވަނީ މިއަދު އިރުއޮއްސި 19:27 ހާއިރުއެވެ. މިހާރު މި ބަލިމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.