ތާރީޚް: 10-05-2022, 20:05
އައްޑޫސިޓީއަށް ދަތުރުކުރަމުންދިޔަ ކާގޯ ފެރީއެއްގައި ހުރި ޒަޚަމްތަކެއް ލިބުނު މީހަކަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ މީހާ ޒަޚަމްވީ، މ.ތުވަރުގެ އިރުދެކުނުން 3 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ކާގޯ ކެރިއާ ދޯނި "ލިޓަސް ކެރިއާ-2" އާއި "ލިޓަސް ކެރިއާ6" އެއްއުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރަން ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ދެ އުޅަނދު ޖެހި، ދެ އުޅަނދުގެ މެދަށް މީހާ ފިތުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ޒަޚަމްވެފައިވަނީ "ލިޓަސް ކެރިއާ2" ނަމަކަށް ކިޔާ ކާގޯ ދޯނީގައި ހުރި އުމުރުން 60 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް، އެމީހާ މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 16:46 ހާއިރުއެވެ. އަދި، ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، ސިފައިންގެ އެހީތެރިކަމާއެކު ބަލިމީހާ މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވަނީ މިއަދު 18:03 ހާއިރުއެވެ.
© mndf 2020 | All rights reserved.