ސަރވިސް ކޯރގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި

ތާރީޚް:


ސަރވިސް ކޯރގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި މެއި 9 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ. އަދި، ސަރވިސް ކޯރގެ މަސައްކަތާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލި މި ރަސްމިއްޔާތުގައި ސަރވިސް ކޯރގެ އާ ލޯގޯއާއި ކޮއިންގެ އިތުރުން ސަރވިސް ކޯރގެ އާ ލަވަ ވަނީ އިފްތިތާޙްކޮށްފައެވެ. މި ރަސްމިއްޔާތުގައި ސަރވިސް ކޯރގެ އާ ލޯގޯ އަދި ކޮއިން އިފްތިތާޙްކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. އަދި ވޮރަންޓް އޮފިސަރ 3 ޖައުފަރު ޢަބްދުއްރަޙްމާނު ހައްދަވައިދެއްވާފައިވާ ސަރވިސް ކޯރގެ އާ ލަވަ އިފްތިތާޙުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ސަރވިސް ކޯރއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ޢާންމު ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މީގެ އިތުރުން ސަރވިސް ކޯރގެ މުވައްޒަފުންގެ ތެރެއިން ސަރވިސް ކޯރ ކޮމަޑާންޓްގެ ޚާއްޞަ ކޮމެންޑޭޝަނާއި ސަރވިސް ކޯރގެ ޔުނިޓްތަކަށް ޔުނިޓް އޮފް އެކްސެލެންސް އަދި، ސަރވިސް ކޯރ ޔުނިޓްތަކުގެ އެންމެ ރަނގަޅު 5 ސިފައިންނަށް ދެއްވާ ޚާއްޞަ ލިޔުން ހަވާލުކޮށްދެއްވީ ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ. މި ރަސްމިއްޔާތުގައި ސަރވިސް ކޯރ ޔުނިޓްތަކުގެ ތެރެއިން ސީކިއުޓީ އަދި ބީއެފްޓީން އެންމެ ރަނގަޅު މާކްސް ހޯދި ޔުނިޓަށް ޕްލާކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ސީކިޔުޓީ އިން އެންމެ ރަގަޅު ނަތީޖާ އެމްއީ އިން ހޯދައިފައިވާއިރު ބީއެފްޓީ އިން އެންމެ ރަގަޅު ނަތީޖާއެއް ހޯދައިފައިވަނީ ސިގްނަލްސް އެވެ. އަދި، ސީކިއުޓީއާއި ބީއެފްޓީން އެންމެ ރަނގަޅު ސޯލްޖަރަށް ޕްލާކް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެގޮތުން ޗީކިޔުޓީއިން ކޯރގެ އެންމެ ރަނގަޅު ސޯލްޖަރަކަށް ހޮވިފައި ވަނީ ފަސްޓް ލެފްޓިނަންޓް އިބްރާހީމް އަލީ ދީދީ އަދި ސީކިޔުޓީއިން އެންމެ ރަނގަޅު އަންހެން ސޯލްޖަރަކަށް ހޮވިފައިވަނީ ވޮރަންޓް އޮފިސަރ 1 ފާތިމަތު އާޒިމާއެވެ. ކޯރގެ އެންމެ ރަނގަޅު ފިރިހެން ހަށިހެޔޮ ސޯލްޖަރަކަށް ސާޖަންޓް ފަސްޓް ކްލާސް ނިޒާމް ހޮވިފައިވާއިރު އެންމެ ހަށިހެޔޮ އަންހެން ސޯލްޖަރަކަށް ހޮވިފައި ވަނީ ވޮރަންޓް އޮފިސަރ 2 މަރިޔަމް މައުޝަމީއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސިފައިންގެ ލަވައިން ނިމިގެންދިޔަ މި ރަސްމިއްޔާތަށްފަހު ސަރވިސް ކޯރގެ އަހަރީ ދުވަހުގެ ކޭކު ފެޅުން އޮތެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސަރވިސް ކޯރއަށް ނިސްބަތްވާ ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެ ޔުނިޓްތަކުގެ އޮފިސަރުންގެ އިތުރުން ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކްތަކުގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.