ފުވައްމުލަކު ޕެޓްރޯލް ސްޓޭޝަނެއް ކައިރީ ރޯވި އަލިފާން، ފުވައްމުލައް ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެ ނިންވާލައިފި

ތާރީޚް: 30-05-2022, 18:10


ފުވައްމުލަކުގައި ހުންނަ "ހޯކްސް ފިއުލް" ގެ ޕެޓްރޯލް ސްޓޭޝަން ކައިރި ހުރި ޕެޓްރޯލް ހުސްކުރި ޓޭންކެއްގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ފުވައްމުލައް ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ފުވައްމުލައް އެއަރޕޯޓުގެ ފަޔަރމަނުން ހަރަކާތްތެރިވެ، ރޯވި އަލިފާން ނިންވާލައިފިއެވެ.

މިކަމުގެ ރިޕޯޓް މިއަދު 15:06 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލައް ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފުވައްމުލައް ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އެ ސަރަހައްދަކީ އެއަރޕޯޓާ ކައިރި ސަރަހައްދެއް ކަމުގައިވާތީ، ފުވައްމުލައް އެއަރޕޯޓްގެ ފަޔަރމަނުން ވެސް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. ފުވައްމުލައް ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ފުވައްމުލައް އެއަރޕޯޓްގެ ފަޔަރމަނުން ކުރި މަސައްކަތުން، އެ ސަރަޙައްދުގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިންވާލެވުނީ މިއަދު 15:30 ހާއިރުއެވެ.

އަލިފާން ރޯވާން ދިމާވީ "ހޯކްސް ފިއުލް" ގެ ޕެޓްރޯލް ސްޓޭޝަން ކައިރި ހުރި ޕެޓްރޯލް ހުސްކުރި ޓޭންކުގައި މަސައްކަތެއް ކުރުމުގެ ތެރޭގައެވެ. މިހާދިސާގައި އެ މަސައްކަތް ކުރަން އުޅުނު މީހާއަށް ވަނީ އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.