ސިފައިންގެ މަރުކަޒުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ތާރީޚް:


ސިފައިންގެ މަރުކަޒުތައް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.

އެމްއެންޑީއެފް މަރުކަޒުތަކުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ސިފައިންގެ މަރުކަޒުތަކުގައި ކުނި މެނޭޖްކުރުމާއި އެ މަރުކަޒުތަކުގައި ސާފުތާހިރު ވެށްޓެއް ބޭއްވުމުގެ އިތުރުން ސިފައިން މަސައްކަތްކުރާ މާހައުލަކީ ސާފުތާހިރު މާހައުލަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ސިފައިންގެ އެކި ޔުނިޓުތަކުން ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރު 12 އާ ހަމައަށެވެ.

ސިފައިންގެ މަރުކަޒުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްދިޔަ ވަގުތުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވަނީ މާލޭގައި ޤާއިމުކުރެވިފައިވާ ސިފައިންގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، ސާފުކުރުމަށް ސިފައިން ކުރި މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މި ޕްރޮގްރާމުގައި، ކަޅުތުއްކަލާކޮށްޓާއި ބަންޑާރަކޮށްޓާއި، ކަލާސީނުކޮށީގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކުގެ މަރުކަޒުތައް ސާފުކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސާފުކުރުމުގެ ޕްރޮގްރާމްގައި، އެ މަރުކަޒުތަކުގެ ތެރޭގައި ހުރި މަދިރި އުފެދޭ ފަދަ ތަންތަން ނައްތާލައި، އެ މަރުކަޒުތަކުގައި ހުރި ކާނުތަކާއި، އިމާރާތްތަކުގެ ފުރާޅުތައްމައްޗާއި، ބޭނުން ނުހިފޭ ތަކެތި އެއްކޮށް ސާފުކުރެވިފައިވެއެވެ.

ސިފައިންގެ މަރުކަޒުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.