އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހދ.ނޮޅިވަރަންފަރުގައި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމާލައިފި

ތާރީޚް: 05-06-2022, 17:00


އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީޔާ ގުޅިގެން އެ ރަށުގައި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ޖޫން މަހުގެ 4 ވަނަ ދުވަހު ހދ.ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންްސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފާއި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު، އަދި ލެފްޓިނެންޓް ކާނަލް ޙަސަން އާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މޭ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހދ.ނޮޅިވަރަންފަރުގައި ހިންގި މި ޕްރޮގްރާމުގައި ޖުމްލަ 64 ފަރާތަކުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް އެ ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފާއި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ އިތުރުން، ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް މުޙައްމަދު ނަދީމް އާއި ޕްރޮގްރާމްގެ ކޯޑިނޭޓަރު އާމާލް މުޙައްމަދެވެ. އަދި، ކޯހުގެ މުދައްރިބުންނަށް އެކަމުގެ ލިޔުމާއި ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެ ރަށު އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާ ނަޒްމީނާ އަޙްމަދެވެ. މި ޕްރޮގްރާމްގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ޑިފެންްސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މިނިސްޓަރ އޮފް ޑިފެންސަށް އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ވަނީ ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ.

މިި ޕްރޮގްރާމުގައި ހޭދަވި މުއްދަތުގެ ތެރޭގައި 7 ކިލޯގެ ބަރުދަން ލުއިކޮށްގެން ޕްރޮގްރާމުގެ 1 ވަނަ ހޯދާފައިވަނީ ރިޔާޝާ ޝަރީފެވެ. 6 ކިލޯ ލުއިކޮށްގެން ފާތިމަތު ލީނާ 2 ވަނަ ހޯދިއިރު، 3 ކިލޯ ލުއިކޮށްގެން 3 ވަނަ ހޯދީ ނިޢުމާ ޢަބްދުﷲ އެވެ.