ތާރީޚް: 08-06-2022, 21:00
އެމްއެންޑީއެފްގެ ސީނިއަރ އެންލިސްޓެޑް ލީޑަރުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ސެމިނަރއެއް ބާއްވައިފިއެވެ.
"ސީނިއަރ އެންލިސްޓެޑް ލީޑަރސް ސެމިނަރ 1-22" ނަމުގައި ކުރިއަށްގެންދިޔަ މި ސެމިނަރ ކުރިއަށް ދިޔައީ ޖޫން 7 އިން 8 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައެވެ. މި ސެމިނަރއަކީ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީގެ އިނީޝިއޭޓިވްއާއެކު އެންސީއޯ އެކެޑެމީއާ ގުޅިގެން ކުރިއަށްގެންދިޔަ ސެމިނަރއެކެވެ.
މި ސެމިނަރގެ ތީމަކީ "ވެލްފެއަރގެ ޚިދުމަތްތަކަށް އަހުލުވެރިވެފައިވާ އެންލިސްޓެޑް ލީޑަރުން" އެވެ.
ސިލްސިލާކޮށް މަހަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނަރ ފެށިގެން ދިޔައީ ޖޫން މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 08:00 ހާއިރުގައެވެ. މި ސެމިނަރ ފަށްޓަވައިދެއްވީ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާނު ޢަލީއެވެ. މީގެ އިތުރުން ސެމިނަރގެ ފުރަތަމަ ދުވަހު ސިފައިންގެ ވެލެފެއަރއާ ގުޅުންހުރި އިދާރާތަކުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން އެ އިދާރާތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދީފައިވެއެވެ. ވެލްފެއަރ ދާއިރާއިން ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓަރޒް ވެލްފެއަރ ޑިޕާޓްމަންޓާއި، އެމްެއެންޑީއެފް މެޑިކަލް ކޯރ އަދި ސިފްކޯގެ ފަރާތުންނެވެ. މި ޕްރެޒެންޓޭޝަންތަކުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ގަޑިއެއްހާއިރު ސެމިނަރގެ ބައިވެރިންނާއެކު އިންޓަރެކްޓްވެލައްވައި، ބައިވެރިން ކުރެއްވި ސުވާލުުތަކަށް ޖަވާބުދެއްވާފައެވެ. މީގެ އިތުރުން، ފޯސް ޕްރޮޓެކްޝަނާއި އޮޕަރޭޝަނަލް އަދި އިންފޮމޭޝަނަލް ސެކިއުރިޓީއާ ގުޅޭ ޕްރެޒެންޓޭޝަނެއް ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ފަރާތުން މި ސެމިނަރގައި ހުށަހަޅައިދީފައިވެއެވެ.
ސެމިނަރގެ ދެވަނަ ދުވަހުގެ ހެނދުނު ދަންފަޅީގައި ކުރިއަށްގެންދިޔައީ، ސިންޑިކޭޓްތަކާ ހަވާލުކުރެވިފައިވާ މަސައްކަތްތަކާގުޅޭ މައުޟޫތަކަށް އެ ސިންޑިކޭޓްތަކުގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް، ސިންޑިކޭޓްތަކުން ހުށަހަޅާ ހުށަހެޅުންތައް ތައްޔާރު ކުރުމެވެ. މީގެ އިތުރުން މެންދުރު 13:00 އިން ފެށިގެން 15:00 އާއި ހަމައަށް ސެމިނާގެ ބައިވެރިންނާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިންޓްރެކްޝަނެއް ކުރިއަށް ގެންދެވިފައިވެއެވެ. ހަމައެހެންމެ ސިންޑިކޭޓްތަކުން މަޝްވަރާކޮށް، ތައްޔާރުކުރި ހުށަހެޅުންތައް ކުރިއަށްގެންދިޔުމަށްފަހު، ސެމިނަރގެ ބައިވެރިންނާއެކު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ޖެނެރަލް އޮފިސަރުންގެ އިންޓަރެކްޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސީނިއަރ އެންލިސްޓެޑް ލީޑަރ ސެމިނަރ ނިންމުމުގެ ގޮތުން މިއަދު ހަވީރު އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ސެމިނަރގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފާއި ސެމިނަރގައި ބައިވެރިވި ޔުނިޓްތަކާއި ކޯރތަކާއި އޭރިއާ ކޮމާންޑްތަކުގެ ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެލެއްވިއެވެ.
© mndf 2020 | All rights reserved.