އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި

ތާރީޚް: 23-06-2022, 22:05


މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި މިކަމަށް ޓަކައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހިންގާ މި މަޝްރޫޢަކީ ދިވެހި ރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ދާއިރާގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޤާބިލިއްޔަތުކަން އިތުރުކުރުމަށް ފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތައް ހިންގޭނެފަދަ ވަސީލަތްތަކާއެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ދިވެހިރާއްޖެއަކީ މެރިޓައިމް ކްރިމިނަލް އެކްޓިވިޓީތަކުގެ ތެރޭގައި ހިމެނޭ އައިޔޫޔޫ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިޔުލަރ) ފިޝަރީސްއާއި، ޕައިރެސީއާއި ހިއުމަން ޓްރެފިކިންގއާއި ނާކޯ ސްމަގްލިންގެ އިތުރުން ޤާނޫނާޚިލާފު މިފަދަ އެތައް ކަމަކަށް ހުށަހެޅިފައިވާ ޤައުމެއް ކަމަށެވެ. ހަމައެއާއެކު ރާއްޖެއަކީ، ތިމާވެއްޓަށް އަސަރު ކުރުވާ މެރިޓައިމް ޑިޒާސްޓަރތައް ކަމުގައިވާ އޮއިލް ސްޕިލްސް ފަދަ ކަންކަމަށް ހުށަހެޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މެރިޓައިމް އިކޮނޮމީއަކަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް މެރިޓައިމް އިމަޖެންސީ ރެސްޕޮންސް ނުހަނު މުހިންމު އެއްޗެއް ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަލަށް ޤާއިމްކުރެވޭ އެމްއާރުސީސީގެ މިބިލްޑިންގްގައި އެކުލެވިފައިވާ ފެސިލިޓީތަކަކީ އެ ދާއިރާގެ ތަރައްޤީއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމުގައި ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޖަޕާނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މެރިޓައިމް ޑޮމެއިންއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި އެހީވަމުން އަންނަ ޤައުމެއްކަމަށާއި، ޖަޕާނަކީ ދިވެހިރާއްޖޭގެ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢުއަށް ޑޮނޭޓްކުރައްވާ ޖަޕާނު ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޑިފެންސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީގެ ވާހަކަފުޅުގައި، އެމް.އާރ.ސީ.ސީގެ ބައިނަލްއަޤްވާމީ ޒިންމާތައް ފާހަގަ ކުރެއްވުމުގެ އިތުރުން އެތަނުގެ ތާރީޚްއާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން އެމްއާރުސީސީ ފުރަތަމަ ޤާއިމުކުރެވުނީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް ސެންޓަރެއްގެ ގޮތުގައި 2003 ވަނަ އަހަރު ކަމަށާއި، އޭގެ ފަހުން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)" އަށް ބަދަލުވެގެން ދިޔައީ 2012 ވަނަ އަހަރު ކަމުގައިކަން ފާހަގަކުރެއްވިއެވެ. އަދި، އަލަށް ބިންގާ އެޅިގެންދާ ސެންޓަރުގެ ސަބަބުން އެމްއާރުސީސީ އިތުރަށް ތަރައްޤީކުރެވި، ޔޫއެންއޯޑީސީގެ ޓްރެއިނިންގ ޕްރޮގްރާމުތައް އެތަނުގައި ހިންގުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ 2021 ފެބުރުވަރީ 21 ވަނަ ދުވަހު އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗި މިޑޯރި އާއި ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޔޫއެން އޯޑީސީގެ ކޯޑިނޭޓަރ ޕަރނިލް ވޯލް ރަސްމުސެން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެމްބެސަޑަރ އެޓް ލާރޖް އަޙްމަދު ސަލީމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ބައެއް ޖެނެރަލް އޮފިސަރުންނާއި ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ އާއި އެމްއެންޑީއެފްގެ ބައެއް ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.