ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު އެމްއެންޑީއެފް ސެކަންޑް ސްކޮޑްރަންއަށް ފެނިއްޖެ

ތާރީޚް: 25-06-2022, 11:45


ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާއަށް ނިސްބަތްވާ 41 އަހަރުގެ ފަތުރުވެރިއަކު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެއެވެ.
 
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ހިންގާފައެވެ. ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ފަތުރުވެރިޔާގެ ހަށިގަނޑު، މިއަދު ހެނދުނު 09:36 ހާއިރު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ވަނީ ފެނިފައެވެ.
 
އަދި، އެ މީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ކްރޮސްރޯޑަށް ގެންގޮސްދީފައެވެ.
 
މަޢުލޫމާތު ލިބުނު ގޮތުގައި ގެއްލުނު ފަތުރުވެރިޔާއަކީ، ކްރޮސްރޯޑްސް މޯލްޑިވްސްގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުންދިޔަ 41 އަހަރުގެ އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހެކެވެ. ފަތުރުވެރިޔާ ގެއްލުނުކަން ފާހަގަކުރެވުނީ، ރޭ 1900 ހާއިރު، އާއިލާއިން އޭނާގެ ކޮޓަރީގައި ބާއްވާފައި ރޭގަނޑުގެ ނާސްތާއަށް ފަހު ރޭ 22:00 ހާއިރު އެނބުރި އެ ކޮޓަރިއަށް އާއިލާއިން ދިޔައިރު، އޭނާ ފެންނަން ނެތުމުން ކަމަށާއި، އެވަގުތުން ފެށިގެން ރިސޯޓުގެ ސެކިއުރިޓީ ޓީމަށް އޭނާ ގެއްލުނުކަން އެންގުމުން، ކޮޓަރިތައް ބަލައިފާސްކުރި ނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް ނުފެނުމުން ކަމުގައި އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.