ހާލުގައި ޖެހުނު ޑިންގީއަކަށް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 29-06-2022, 23:05


ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް މޫސުން ގޯސްވެ ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 19:15 ހާއިރު އެމްއާރުސީސީއަށް ލިބުމާއެކު ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ހާލުގައި ޖެހިފައި ވަނީ ހއ. ހޯރަފުށީގައި ދުއްވާ ޑިންގީއެކެވެ. މި ޑީންގީ ހއ. ދިގުރަށު ފަޅުތެރެއިން މަސްވެރިކަން ކުރަމުން ދަނިކޮށް މޫސުން ގޯސްވެގެން، އެ ރަށުގެ ފަޅުތެރެއިން ނުނިކުމެވިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. މި ހާދިސާާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ހޯރަފުށީގައި އޮންނަ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް، ޑިންގީއާއި އޭގައި ތިބި ތިން މީހުން ވަނީ ސީއެމްބިއުލާންސްގައި ހއ. ހޯރަފުއްޓަށް ސަލާމަތްތެރިކަމާއެކު ގެންގޮސްދީފައެވެ. މި ހާދިސާގައި އެ ޑިންގީން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.