އަޑިއަށްދިޔަ ދޯންޏަކުން ދިޔަހިއްކައިދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 30-07-2022, 23:35


ހުޅުލޭ ބަނދަރުގައި އަޅާފައި އޮއްވައި އަޑިއަށްދިޔަ "ގުރަހަ" ނަމަކަށް ކިޔާ 44 ފޫޓުގެ ދޯންޏަކުން، ދިޔަ ހިއްކައިދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު 16:10 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންގެ ޓީމަކާއެކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ސިފައިން ދިޔައިރު އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައި އޮތުމާއެކު، ދޯނީގެ ވެރިފަރާތުން އެ ސަރަހައްދަށް ގެނައި ކެރޭނެއްގެ އެހީގައި ވަނީ ދޯނި ފެނުން މައްޗަށް ނަގާފައެވެ. އެއަށްފަހު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ ޕަންޕު ޖައްސައިގެން ދޯނީގައި ބޮޑުވެފައިހުރި ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. ސިފައިން ކުރި މަސައްކަތުން، މިރޭ 20:19 ހާއިރު ވަނީ ދިޔަގަނޑު އެއްކޮށް ހިއްކާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.