ނ.މާޅެންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 31-07-2022, 20:35


ނ.މާޅެންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ނ.މާޅެންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ނ.މާޅެންދޫ ކައުންސިލުން ވަނީ އެ ރަށުގައި ބޮޑުވެފައިވާ ފެން ހިންދޭނެ ނިޒާމެއް ނެތިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމަށް އެދިފައެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 07:40 ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިންނާއި ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ އެ ރަށަށް ގޮސް، މިއަދު 10:57 ހާއިރުން ފެށިގެން ހަރަކާތްތެރިވެފައެވެ. ވިއްސާރައިގައި ނ.މާޅެންދޫގެ ބައެއް ސަރަހައްދުތަކާއި މަގުތަކުގައި ބޮޑުވެފައިހުރި ފެންގަނޑުތައް ހިއްކުމުގެ މަސައްކަތުގައި މިއަދު 16:15 ހާއިރު ވަންދެން ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

މިއަދު ކުރި ވިއްސާރައިގައި އެ ރަށުގެ މީހުން ދިރިއުޅޭ ގިނަ ގެތަކަށް ފެންވަދެފައިވެއެވެ.