އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.މާވަށުގައި ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ތާރީޚް: 02-08-2022, 23:45


އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާވަށު ކައުންސިލް ގުޅިގެން ލ.މާވަށުގައި ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
 
ލ.މާވަށު މަސްވެރިންނަށް އަމާޒުކޮށްގެން އެ ރަށުގައި އޮގަސްްޓް މަހުގެ 2 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 27 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ސީޕީއާރު ދޭނެ ގޮތާއި، ލިބޭ އަނިޔާތަކަށް ފަރުވާދިނުމުގައި ބެންޑޭޖް ކުރާނެގޮތް ދަސްކޮށްދިނުމާއި، ސްޓްރެޗަރު ބޭނުން ކުރާނެ ގޮތްތައް ހިމެނެއެވެ.
 
މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.