މަގުމައްޗަށް ގަހެއް ވެއްޓިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 04-08-2022, 08:40


ހ.ސަހަރާގެ ހުޅަނގު ފަރާތުގައި ހުރި ގަހެއް މަގުމައްޗަށް ވެއްޓިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރޭ މެންދަމު 01:58 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް ރޭ މެންދަމު 02:12 ހާއިރުން ފެށިގެން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން، ސިފައިންގެ ޓީމުން ކުރި މަސައްކަތުން ގަހުގެ ބައިތައް ކީހައި، އެ ސަރަހައްދުން ގަސް ނަގައި ސާފުކުރެވިފައިވަނީ މިއަދު ހެނދުނު 07:53 ހާއިރުއެވެ.

ގަސް ބުޑުން ލުހިގެން މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، މި ހާދިސާގައި އެ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.