ޔޫއެސް އިންޑޯޕޭކޮމްއާއި އެމްއެންޑީއެފުން ގުޅިގެން ބޭއްވި "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް" ނިންމާލައިފި

ތާރީޚް: 05-08-2022, 22:55


ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން މިމަހުގެ 1 އިން 4 އަށް ރާއްޖޭގައި ބޭއްވި "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް 2022" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި، އޮގަސްޓް ހަތަރު ވަނަ ދުވަހު ހަވީރު ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ޑިފެންސް ސެކްޓަރއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައިވެއެވެ. މީގެ އިތުރުން މި ފޯރަމްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ނަސީމާއި، ފޯރަމްގައި ބައިވެރިވެލެއްވި އިތުރު ޤައުމުތަކުގެ ބޭފުޅުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ފޯރަމްގެ ދެވަނަ ދުވަހު މޮޑަރޭޓަރެއްގެ ގޮތުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޡް ވަޙީދު ބައިވެރިވެ ވަޑައިގެންނެވިއިރު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ފޯރަމްގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަމައެއާއެކު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ސީނިއަރ ކޮންވަޒޭޝަން އޮފިސަރ މުޙްސިނާ ޢަބްދުލް ރަޙްމާން ވަނީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެތަންތަނުން ފަހިވެފައިވާ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެއަށްފަހު ހިއުމަން ޖިއޮގްރަފަރ އަދި ޕީއެޗްޑީ ކެންޑިޑޭޓެއްކަމަށްވާ އައިޝަތު އަޒްފާ ވަނީ، ހަލުވިކަމާއެކު ކުރިމަތިވަމުން އަންނަ މޫސުމީ ބަދަލުތަކުގައި އަންހެނުންގެ ސޯސިއޯ-އިކޮނޮމިކް ސެކިޔުރިޓީ މަޝްވަރާކުރުމާމެދު ދިވެހިރާެއްޖޭގެ ފަރާތުން ކޭސް ސްޓަޑީއެއް ހުށަހަޅުއްވާފައެވެ.

ފޯރަމްގެ ހަތަރުވަނަ ދުވަހުގައި ރައީސް އޮފީހުން ކަނޑައަޅުއްވާފައިހުންނަ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ އަސަރުތަކާއި އެކަމުގެ ހައްލުތަކުގެ ތަޢާރަފެއް ދެއްވުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެސިސްޓަންޓް ޑައިރެކްޓަރ މައުމާން ޢަބްދުލް ރަޝީދު ވަނީ ދިވެހިރާއްޖޭގައި ތަންފީޒުކުރެވިފައިވާ ކްލައިމެޓް ޗޭންޖު ޕޮލިސީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ ވަނީ، މި ސަރަހައްދުގައި ގަވާޢިދާ ޚިލާފަށް ކުރާ މަސްވެރިކަމާ ބެހޭގޮތުންނާއި ކަނޑުތައް ތަޣައްޔަރުވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ނަސީމް ވަނީ "ގްލޯބަލް ކްލައިމެޓް ރެޖިމްސް، ސަކްސެސެސް އެންޑް އޭރިއާސް ފޮރ އިމްޕްރޫވްމަންޓް" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވައި، ފޯރަމްގެ ހަތަރުވަނަ ދުވަހު މޮޑަރޭޓަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ފޯރަމުގައި ބައިވެރިވެލެއްވި އެމެރިކާ މަންދޫބުންގެ ސެޝަންތަކެއް ވެސް ފޯރަމުގެ ތެރެއިން ވަނީ ކުރިއަށްގެންގޮސްފައެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގެ ބައިވެރިންނަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ކުރުނބާ މޯލްޑިވްސްގައި ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވާފައެވެ. ރާއްޖޭގެ ސަޤާފީ ލަވަޔާއި މިއުޒިކާއެކު ކުރިއަށްގެންދިޔަ މި ފަރިއްކޮޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގެ ހަވާސާގައި، ބައިވެރިން ވަނީ ކ. ހުރާއަށް ޒިޔާރަތްކުރައްވައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ބެލުމުގެ ގޮތުން އެ ރަށުގެ އިން ސައިޓް ވިޒިޓް ލޮކޭޝަންސްތަކުގެ ގޮތުގައި ހަަތަރު ސަރަހައްދަކަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ހުރާގެ ރަށްގިރުމާ ކުރިމަތިވެފައިވާ ސަރަހައްދާއި، ކުޅި އަދި ކަނޑޫފާ ހިމެނޭ ސަރަހައްދާއި، ކަރަންޓާއި ފެން އުފެއްދުމުގެ ޕްލާންޓްތައް ބެހެއްޓިފައިވާ ސަރަހައްދުގެ އިތުރުން ކުނި މެނޭޖްކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދަށް ބައިވެރިން ޒިޔާރާތްކުރާ ކުރައްވާފައިވެއެވެ. މި ޒިޔާރަތްތަކުގައި، އެ ސަރަހައްދުތަކުގައި ކަންކަން ރޭވިފައިވާގޮތާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އޮގަސްޓް 1 އިން 4 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި، 21 ޤައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެލެއްވިއެވެ. އަދި، މި އަހަރުގެ ފޯރަމް ހޯސްޓްކުރާ ޤައުމުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ ތަމްސީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 މަންދޫބުން ވެސް މި ފޯރަމްގައި ބައިވެރިވެލެއްވިއެވެ.

މިއަހަރުގެ ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދިޔައީ އެ ދުވަހަކަށް ކަނޑައެޅި ތީމާ ގުޅޭ ގޮތަށެވެ. އެގޮތުން މިއަހަރުގެ ފޯރަމްގެ ދުވަސްތައް ބަހާލި ތީމްތަކަކީ، "ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް"، "ސްމޯލް އައިލެންޑް ނޭޝަންސް ކޮންސާންސް"، "އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ" އަދި "ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް" އެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަޙައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ޔޫއެސްގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު މި ސަރަޙައްދުގެ ކޮންމެވެސް އެއް ޤައުމަކުން ހޯސްޓްކުރާ ގޮތަށް ބާއްވަމުންގެންދާ ފޯރަމެކެވެ.