ނޮޅިވަރަންފަރު ނެރުމައްޗަށް އެރި ސަވާރީ ބޯޓުގެ ބައިތައް ސެލްވޭޖު ކުރުމުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 15-09-2022, 12:08


ހދ.ނޮޅިވަރަންފަރު ނެރުމައްޗަށް ސެޕްޓެންބަރު 8 ވަނަ ދުވަހު އެރި މުދާ އުފުލާ ބޯޓު "ސަވާރީ" ގެ މުދާތަކާއި ބައިތައް ސެލްވޭޖު ކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސެއިލަރުންނާއި ޑައިވަރުންގެ އިތުރުން، ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ އޮފިސަރުންނާއި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި ކޯސްޓްގާޑުގެ ޑައިވަރުން ވަނީ އެ ސަރަހައްދުގައި އެތަކެއް ޑައިވް އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. ހަމައެއާއެކު، ކޯސްޓްގާޑު ޝިޕް ޝަހީދުޢަލީގެ ސިފައިންނާއި ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސެއިލަރުން ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވި ނޮޅިވަރަންފަރު ކައުންސިލަށާއި އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އޮޕަރޭޝަނުގައި، އެ ދޯނީގެ މައިގަނޑު ބައިތައް ކަމުގައިވާ އިންޖީނާއި، ޝާފްޓާއި، ޖެނެރޭޓަރާއި، ދޯނީގެ ހަލްގެ ބޮޑުބައި ވަނީ އެއްގަމަށް ގެނެވިފައެވެ. މީގެއިތުރުން، އެ ސަރަހައްދަށް ބޭރުވި ދޯނީގެ ގިނަ ބައިތަކާއި މުދާތައް ވަނީ އެ ސަރަހައްދުން ސާފު ކުރެވި، އެއްގަމަށް ގެނެވިފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި މި އޮޕަރޭޝަން ނިންމާލާފައިވަނީ 2022 ސެޕްޓެންބަރު 13 ވަނަ ދުވަހުއެވެ.