ޑާކާގައި ބޭއްވި އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރގައި ދިވެހި އަސްކަރިއްޔާގެ ވަފުދެއް ބައިވެރިވެއްޖެ

ތާރީޚް: 16-09-2022, 14:55


ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި 46 ވަނަ އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރ (އައިޕީއޭއެމްއެސް) ގައި ދިވެހި އަސްކަރިއްޔާގެ ވަފުދެއް ބައިވެރިވެއްޖެއެވެ.

ބަންގްލަދޭޝް އާމީއާއި ޔުނައިޓެޑް ސްޓޭޓްސް އާމީ ޕެސިފިކް ކޮމާންޑުން ގުޅިގެން ކުރިއަށްގެންދިޔަ މި އަހަރުގެ ކޮންފަރެންސްގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ 26 ޤައުމެއްގެ އަސްކަރީ ލީޑަރުން ވަނީ ބައިވެރިވެފައެވެ.

ސެޕްޓެންބަރު 12 އިން 15 އަށް ޑާކާގައި ކުރިއަށް ދިޔަ މި ސެމިނަރގައި ދިވެހި އަސްކަރިއްޔާއިން ހަ އޮފިސަރަކު ބައިވެރިވެލެއްވިއެވެ. އެއީ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، ލެފްޓިނެންޓް ކާނަލް ޞައުދުﷲ ވަޙީދާއި، މޭޖަރ މުޙައްމަދު ސާޚީ ޢަބްދުލް ޣަފޫރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް ލަޠީފާއި، ވޮރަންޓް އޮފިސަރ 4 އިބްރާހީމް ޢުމަރު މަނިކެވެ.

މި ކޮންފަރެންސްގެ މި ފަހަރުގެ މަޢުލޫއަކީ، "ޕްރޮސްޕެކްސްޓް އެންޑް ޗެލެންޖަސް އިން މެއިންޓެއިނިންގ ޕީސް އެންޑް ސެކިއުރިޓީ އިން ދަ އިންޑޯ ޕެސިފިކް" އެވެ.

46 ވަނަ އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރގައި "ރޯބަސްޓް ޕީސްކީޕިންގ"، "ވިމެން އެމްޕަވަރމަންޓް"، އަދި "ލޭންޑް ޕަވަރ އިން ރީޖަނަލް ކޯޕަރޭޝަން"، މި މަޢުޟޫތަކަށް ޕްލޭނަރީ ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. މި ސެެޝަންތަކުގައި، ވާހަކަދެކެވުނު މަޢުޟޫތަކާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކާއި، ކުރިއަށް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ސަރަަހައްދުގެ އަސްކަރިއްޔާތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސް، އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރއަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަސްކަރިއްޔާގެ ލީޑަރޝިޕުތަކުގެ މެދުގައި، ސުލްހަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންތަކާ މެދު ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.