ދުނިޔޭގެ ފުއްޕާމޭގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ބައިވެރިވެއްޖެ

ތާރީޚް: 23-09-2022, 21:56


"ދުނިޔޭގެ ފުއްޕާމޭގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ބައިވެރިވެއްޖެ

"ދުނިޔޭގެ ފުއްޕާމޭގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓޮރީ މެޑިސިންއާއި އެސޯސިއޭޝަން ފޮރ ސޯޝަލް ބެނެފިޓް އެންޑް އެއިޑް ގުޅިގެން ބޭއްވި ހަރަކާތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ހަވީރު، އިޖުތިމާޢީ މަރުކަޒުގެ ބޭރުގައި ބޭއްވި މި ހަރަކާތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ސްޓޯލުން ވަނީ، ފުއްޕާމެއަށް ޖެހޭ ދެ ބައްޔެއްކަމުގައިވާ "ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް" (ސީއޯޕީޑީ) އާއި "އެސްތުމާ" އާ ބެހޭ މަޢުލޫމާތު ސްޓޯލަށް ޒިޔާރަތްކުރެއްވި ބައިވެރިންނަށް ފޯރުކޮށްދީފައެވެ. އެގޮތުން ނޭވާ ކުރުވުމާއި ނޭވާ ހިއްލުމަށް ދިމާވާ މި ދެ ބައްޔަށް ހުށަހެޅޭ ސަބަބުތަކާއި އެ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންވަނީ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ.

އައިޖީއެމްއެޗްގެ ޑިޕާޓްމަންޓްތަކުގެ އިތުރުން ގްރޭޓަރ މާލޭގެ ޞިއްޙީ ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވި މި ހަރަކާތުގައި ކުޑަކުދިން ވެސް ޒިޔާރަތްކޮށްފައިވާތީ، ކުޑަކުދިންގެ އުމުރުފުރާއާ ގުޅޭގޮތުން ވެސް ބައެއް ހަރަކާތްތައް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ ތެރެއިން، މި ދުވަހުގެ މުނާސަބަތުގައި ބޭއްވި ކޭކު ފެޅުމުގެ ހަފުލާގައި ވެސް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ބައިވެރިވިއެވެ.

"ދުނިޔޭގެ ފުއްޕާމޭގެ ދުވަސް" ނުވަތަ "ވޯލްޑް ލަންގްސް ޑޭ" ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު 25 ވަނަ ދުވަހުއެވެ.