ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓުން ނ.ހޮޅުދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 20-11-2022, 13:20


ނ.ހޮޅުދޫގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ނ.ހޮޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ 35 ފަރާތެއް ބައިވެރިވިއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ. މި ޕްރޮގްރާމުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި، މި ޕްރޮގްރާމްގައި، ބައިވެރިންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.