ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ތާރީޚް: 20-11-2022, 21:54


ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ. އަދި، އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" މި ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދުގެ 17:25 ހާއިރު ވަނީ ގެނެއްސައެވެ.

މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ފުރުޞަތުގައި "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.