އެމްއެންޑީއެފް މާމިނގިލި ޕޯސްޓުން އދ.އަތޮޅު ސްކޫލުގެ ކެޑޭޓުންނަށް ހެވިކަން ފަރިތަކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ތާރީޚް: 22-11-2022, 20:18


އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އދ.މާމިނގިލި ޕޯސްޓުން، އދ.އަތޮޅު ސްކޫލުގެ ކެޑޭޓުންނަށް ހެވިކަން ފަރިތަކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ނޮވެންބަރު 19 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ، އދ.އަތޮޅު ސްކޫލުގެ ކެޑޭޓުގައި އިސްކޮށް ހަރަކާތްތެރިވާ 18 ކެޑޭޓަކު، ކެޑޭޓު ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ހަފުތާއަކު ހަތް ދުވަހު ހެވިކަން ފަރިތަކުރުމުގެ ކުލާސްތައް ރޭވިފައިވާއިރު، ހުކުރާއި ހޮނިހިރު، މި ދެ ދުވަހުގައި ޕީޓީ ކުލާސްތައް ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ރޭވިފައެވެ.

މި ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ، އދ.މާމިނގިލި ޕޯސްޓުގައި ޑިއުޓީ އަދާކުރަމުންދާ މެރިން ޑިޕްލޮއިމެންޓް ޔުނިޓް 4 (އެމްޑީޔޫ 4) ގެ މެރިންސްއެވެ.