ގްރޭޓަރ މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުގައި ތިއްބަވާ ހެލްތު އޮފިސަރުންނަށް، ހެލްތު ސްކްރީން ކުރުމާ ގުޅޭގޮތުން ޕްރޮގްރާމެއް ފަށައިފި

ތާރީޚް: 23-11-2022, 18:52


ގްރޭޓަރ މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭގޮތުން އެ ސްކޫލުތަކުގެ ހެލްތު އޮފިސަރުންނަށް، އެޑިޔުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފުން ގުޅިގެން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، މިއަދު އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ގްރޭޓަރ މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުން 20 ހެލްތު އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި މާދަމާ ވެސް، މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުން 20 ހެލްތު އޮފިސަރުންނަށް، މި ޕްރޮގްރާމުގެ ދެވަނަ ސެޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުރިމަގުގައި އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޕްރައިމަރީ ސްކޫލުތަކުގެ ހެލްތު އޮފިސަރުން ހެލްތު ސްކްރީން ކުރުމަށް ތަމްރީނު ކުރުމަށް ޓަކައި އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް (ހެލްތު ސްކްރީން)، ހެލްތު އޮފިސަރުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ މުހިންމުކަމާއި އަދި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގައި ބަލަންޖެހޭ މުހިންމު ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ބައިތަކުގެ އަމަލީ މަސައްކަތް ހިންގާނެ ގޮތްތައް ވެސް މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޕްރޮގްރާމުގައި، ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.