އެމްއެންޑީއެފް ކޯސްޓްގާޑާއި ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށްގެންދާ ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯހުގެ ފައިނަލް އެކްސަސައިޒް ބާއްވައިފި

ތާރީޚް: 23-11-2022, 21:11


އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ކުރިއަށްގެންދާ ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ (ވީބީއެސްއެސް) އިންޓަރނޭޝަނަލް ކޯހުގެ ފައިނަލް އެކްސަސައިޒް ބާއްވައިފިއެވެ.

ހުޅުމާލޭ ހުޅަނގުފަރާތު ކަނޑުގެ ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔަ މި އެކްސަސައިޒް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް އެސްއެމް ޢަބްދުލް ކަލާމް އާޒާދުއާއި، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްނަވީ ޖައުފަރު ޞާދިޤު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި ޔޫއެންއޯޑީސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ދަށުން ހިންގާ މި ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި ބަންގްލަދޭޝް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި ސްރީލަންކަން ކޯސްޓްގާޑުގެ 8 ސެއިލަރަކު ބައިވެރިވެއެވެ.

ކޯސްޓްގާޑާއި ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ކަނޑުމަތީގެ ޤާނޫނާއި ޤަވާޢިދުގެ އިތުރުން ކަނޑުމަތީގެ އޮފަރޭޝަންތައް ހިންގާނެ ގޮތްތަކާއި، ކަނޑުމަތިން އުޅަނދުފަހަރަށް އަރައި ސިފައިން ހަރަކާތްތެރިވާނެ ގޮތްތަކާއި، ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.