ބަނގްލަދޭޝްގެ ނޭވަލް އެކަޑަމީގައި ހިންގުމަށް ހަމަޖެހިފައިވާ "އޮފިސަރސް ބޭސިކް ޓްރެއިނިންގ" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި

ތާރީޚް: 19-01-2023, 18:18


ބަނގްލަދޭޝްގެ ނޭވަލް އެކަޑަމީގައި ހިންގުމަށް ހަމަޖެހިފައިވާ "އޮފިސަރސް ބޭސިކް ޓްރެއިނިންގ"  ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

2023 ޖުލައި 2 އިން 31 ޖުލައި 2027 ވަނަ ދުވަހުގެ ނިޔަލަށް، ބަންގްލަދޭޝްގެ ޗިޓަގޮންގް ނޭވަލް އެކަޑެމީގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ސައިންސް ސްޓްރީމްގެ 2 މާއްދާއިން ފާސްވެފައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ އަދި 2023 ޖުލައި 02 އަށް 25 އަހަރު ނުފުރޭ ފަރާތަކަށްވުމާއި އަދި ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތަކަށްވުން ހިމެނެއެވެ.

ބަނގްލަދޭޝް ސަރުކާރާއި އެމްއެންޑީއެފްއިން ހަރަދުކުރާ މިކޯހަކީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެކެވެ. މި ކޯސް ފުރިހަމަ ކުރުމުން، އެމްއެންޑީއެފްގެ އޮފިސަރެއްގެ މަޤާމު ލިބިގެންދާނެއެވެ.
ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އެމްއެންޑީއެފް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، އަދި ތަޢުލީމީ ސެޓްފިކެޓްތަކާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލާއި މި ސްކޮލަޝިޕްގެ ދަށުން ތަޢުލީމް ހާސިލުކުރުމަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ޚިދުމަތް ކުރަން އެއްބަސްވާކަމަށް ކެންޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހިމެނެއެވެ.

މި ކޯހަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2023 ފެބްރުވަރީ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، (trgcoord@mndf.gov.mv)  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv)  އިން ޑައުންލޯޑު ކުރެވޭނެއެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 2156 އަށް ގުޅުއްވުން އެދެމެވެ.