ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، އެމްއެންޑީއެފް މެޑިކަލް ކޯރއަށް އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ ރެގިއުލޭޓަރުތަކެއް ހަދިޔާކުރައްވައިފި

ތާރީޚް: 25-01-2023, 13:12


ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، އެމްއެންޑީއެފް މެޑިކަލް ކޯރއަށް އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ. އަދި، އެންޑީއެމްއޭ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް، އަލްފާޟިލް ހިސާން ޙަސަންއެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ބޭނުންތަކަށް އެންޑީއެމްއޭއިން އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރައްވާފައިވަނީ އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމްއެންޑީއެފް މެޑިކަލް ކޯރގެ ކޭޕަބިލިޓީ އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިފާނުގެ ހާދިސާތަކާއި ޤުދުރަތީ އެކިއެކި ހާދިސާތައް ދިމާވުމުން، ސިފައިން ހަރަކާތްތެރިވާއިރު އެންޑީއެމްއޭގެ ސްޓާފުން ވެސް އެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވެލައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ވެދެއްވާ އެހީތެރިކަމަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.