ތާރީޚް: 12-03-2023, 22:08
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023" އެ އޭރިއާ ކޮމާންޑްގެ ރަށްތަކުގައި ފަށައިފިއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެ ކޮމާންޑްގެ 03 ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާރިޗު 12 އިން 18 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ފަޔަރ ޕްރިވެންޝަން ވީކް 2023" ގެ ފުރަތަމަ ޕްރޮގްރާމް މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންގޮސްފައި ވަނީ ލ.ގަމު، ތުނޑި ބަނދަރު ސަރަހައްދުގައެވެ. މާރިޗު 12 އިން 17 އަށް ގަމާއި ފޮނަދޫގެ އަވަށްތަކުގެ ކަނޑައެޅޭ ސަރަހައްދުތަކުގައި ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މާރިޗު 17 ވަނަ ދުވަހު ފ.ނިލަންދޫގައި ވެސް މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރަށްރަށުގެ ކައުންސިލުންނާއި އާންމުގެ ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.
© mndf 2020 | All rights reserved.