ތާރީޚް: 13-03-2023, 22:19
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023" އެ އޭރިއާ ކޮމާންޑްގެ ރަށްތަކުގައި ފަށައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެ ކޮމާންޑްގެ 03 ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާރިޗު 13 އިން 18 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ފަޔަރ ޕްރިވެންޝަން ވީކް 2023" ގެ ފުރަތަމަ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ ބެލެނެވެރިންނަށެވެ. މި މުއްދަތުގެ ތެރޭގައި ހދ.ކުޅުއްފުށީގެ އެކި ސްކޫލްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މާރިޗު 16 ވަނަ ދުވަހު ށ.ކަނޑިތީމުގެ ރައްޔިތުންނަށް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާއިރު، ޅ. ނައިފަރުގައި މާރިޗު 13 އިން 16 އަށް ދޮރުންދޮރަށް ޒިޔާރަތްކޮށް މި ޕްރޮގްރާމް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރަށްރަށުގެ ކައުންސިލުންނާއި އާންމުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.
© mndf 2020 | All rights reserved.