އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދ.ރިނބުދޫގައި ހިންގި މޫދު ކަސްރަތު ޕްރަޮގްރާމް ނިންމާލައިފި

ތާރީޚް: 16-03-2023, 23:30


އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ދ.ރިނބުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގި " މޫދު ކަސްރަތު" ޕްރަޮގްރާމް ނިންމާލައިފިއެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މާރިޗް މަހުގެ 16 ވަނަ ދުވަހު ދ.ރިނބުދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެޑްމިނިސްޓްރޭޝަން އެންޑް ޕަސަނަލް ސަރވިސް އޮފިސަރ ކެޕްޓަން ޙުސައިން ޝިފާއު އެވެ.


މި ރަސްމިއްޔާތުގައި މޫދު ކަސްރަތު ޕްރޮގްރާމް ފުރިހަމަކުރެއްވި ކަނބަލުންގެ ތެރެއިން އެންމެ މޯޓިވޭޓެޑް ފަރާތަކަށް ދޭ "ސިއްތިމާވާ އެވޯޑް" ހާސިލުކުރައްވާފައި ވަނީ އާމިނަތު ޒިދުނާ އެވެ. އަދި އެންމެ ބަރުދަން ލުއިކުރި ފަރާތަށް ދޭ "ހަށިލުއި އެވޯޑް" ހާސިލުކުރައްވާފައި ވަނީ ފާޠިމަތު ސަނާ އެވެ. ފާޠިމަތު ސަނާ ވަނީ މިޕްރޮގްރާމްގެ މުއްދަތުގައި ހަތަރު ކިލޯ ލުއިކުރައްވާފައެވެ.


2023  ފެބްރުވަރީ 20 އިން މާރިޗު 05 އަށް ހިންގި މި ޕްރޮގްރާމްގައި 34 ކަނބަލުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކުރައްވާފައެވެ. މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅުގޮތްތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށްވަނީ މަޢުލޫމާތު ދެއްވާފައެވެ. ދ.ރިނބުދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ މިދާއިރާއިން ތަޢުލީމާއި ތަމްރީނާއި އަދި ތަޖުރިބާ ހޯއްދަވާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.


މި ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގެ އިސް ބޭފުޅުންނާއި، ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ކޮމާންޑަރ ފަސްޓް ލެފްޓިނަންޓް ސިއުތު މުޙައްމަދުގެ އިތުރުން ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަސްޓް ސާޖަންޓް އިބްރާހީމް ރަޝީދު ބައިވެރިވެލެއްވިއެވެ.