ތާރީޚް: 16-03-2023, 23:50
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާންމުކޮށް ހުޅުވާލައިފިއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.
އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓްwww.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ޑިފެންސް މިނިސްޓްރީއިން ބަލައިގަތުމުގެ ސުންގަޑިއަކީ 2023 އޭޕްރީލް 16 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ careers@defence.gov.mv އަށެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް ޑިފެންސް ނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ.
މި ޕްލެޓްފޯމްގެ ލިންކަކީ:https://message.gov.mv/en/messages އެވެ. އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވާފަރާތްތަކުން ވަަޒީފާއަށް އެދޭ ފޯމު ޑިފެންސް ނިސްޓްރީއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖްކޮށްދެއްވުން އެދެމެވެ. މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެއެވެ.
© mndf 2020 | All rights reserved.